ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި މިނިސްޓަރު ޝަފީއު ވާހަކަ ދައްކަވަނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އޯލެވެލްގެ ޓޮޕް ޓެން އަށް ދާ ގިނަ ދަރިވަރުންނަށް އޭލެވެލްގައި ޓޮޕް ޓެން އާއި ހަމައަށް ވާސިލު ނުވެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީއު މިފަދައިން ވިދާޅުވެފައިވަނީ 2 ދުވަހަކަށް ބަހާލައިގެން ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި މިއަދު ހެނދުނުގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ 2021 އަދި 2022 ގައި އޯ ލެވެލް ނިންމި ކުދިންގެ ތެރެއިން ޓޮޕް ޓެން ގައި 840 އަށް ވުރެ ގިނަ ކުދިން ހިމެނުނު ނަމަވެސް 64 ޕަސެންޓު ކުދިންނަށް އޭ ލެވެލްގެ ޓޮޕް ޓެން އާ ހަމައަށް ނުދެވޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި އަހަރު އޭ ލެވެލް ނިންމި ކުދިންގެ އޯ ލެވެލްގެ ނަތީޖާއާ އަޅާކިޔާއިރު ވެސް ފެންނަނީ ހަމަ މިފަދަ ނަތީޖާއެއް ކަމަށެވެ.
2021-2022 މި އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އޯލެވެލް ނިންމި ބެޗުގައި 840އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ. ޓޮޕްޓެން އަށް މިދަނީ 64 އިންސައްތަ. އޭލެވެލް އާއި ހަމައަށް ދާއިރު އޭލެވެލްގެ ޓޮޕްޓެންއަކަށް ރީޗެއް ނުވޭ. މި ދަރިވަރުންގެ ތެރެއިން 36 އިންސައްތަ ދަރިވަރުން އޯލެވެލް ޓޮޕްޓެންގެ ތެރެއިން އޭލެވެލް ޓޮޕްޓެންގެ ތެރެއަށް ވަދެގެން ދަނީ 36 އިންސައްތައެވެ.
މިކަމާ ކަންބޮޑުވުން ފާޅުކުރައްވާ މިނިސްޓަރު ވިދާޅުވީ ދައުލަތުން ތައުލީމީ ދާއިރާއަށް 4 ބިލިޔަން ރުފިޔާ ހަރަދުކޮށްގެން ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުންވެސް ދާން ބޭނުންވާ މަންޒިލަށް އަދިވެސް ނުދެވޭކަމަށެވެ. އެއާއެކު މިނިސްޓަރު ވިދާޅުވީ ނަތީޖާތައް ރަނގަޅު ކުރުމަށް ޕްރައިމަރީ ތައުލީމަކީ މުހިންމު މަރުހަލާއެއް ކަމަށެވެ.
އެހެންކަމުން ޕްރައިމަރީ މަރުހަލާގައި ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ. މީގެއިތުރުން ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް ލީޑާޝިޕް ޓްރެއިނިންވެސް ދީފައިވާކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް