ހަތް ކިލޯގެ ޑްރަގު އެތެރެކުރި ބޯޓުގެ ކެޕްޓަންފިޔަވާ އެހެން އެންމެން ދޫކޮށްލައިފި

ކަނޑު ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 10 މީހުން

ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އަތުލައިގެން "މުތާ ޑައިމަންޑް" ބޯޓުގެ ކެޕްޓަން ފިޔަވާ އެހެން އެންމެން ދޫކޮށްލައިފިއެވެ.

ކަނޑުމަގުން ބޯޓެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި މިދިޔަ މާޗް މަހު 10 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި އެ ބޯޓުގެ ކެޕްޓަން އަދިވެސް ހުރީ ބަންދުގައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަތް ފަހަރެއްގެ މަތިން އިތުރު ކޮށްފައިވާއިރު އެންމެ ފަހުން އޭނާ ބަންދު ކުރަން ކޯޓުން އަމުރު ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ.

ހައްޔަރު ކުރި 10 މީހުންގެ ތެރެއިން އެކެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރި ނަމަވެސް ހައި ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެހެން ކަމުން ކެޕްޓަން ނޫން އެހެން އެންމެން މިހާރު ވަނީ އެކި ފަހަރު މަތިން ދޫކޮށްލާފައެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އެވެ.

ނަސްވަން އަކީ އެ ބޯޓުގެ ކެޕްޓަން ކަމަށްވުމުން ބޯޓަށް އެރުވޭ އެއްޗެހީގެ ޒިންމާ އެހެން ފަރާތަކުން ނުނަގާ ހާލަތުގައި އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ އޭނާކަން ފުލުހުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ. ނަމަވެސް އެ ބޯޓުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭކަމަށް އޭނާ ބުނި ނަމަވެސް ކެޕްޓަންގެ ޒިންމާއިން ބަރީއަވެވިދާނެކަމަށް ނުދެކޭ ކަމަށް ކޯޓު އަމުރުގައިވަނީ ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.