ފުނަދޫ އެއާޕޯޓު
ޓެކްނިކަލް މައްސަލައެއް ދިމާވެ ވަގުތީ ގޮތުން ބަންދު ކުރި ށ.ފުނަދޫ އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.
މޯލްޑިވިއަން އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ދިމާވެ، ފުނަދޫ އެއާޕޯޓް ބަންދުކޮށްފައިވާތީ މިއަދު އެއެއާލައިންގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ.
މިކަމުގެ ސަބަބުން ދަތުރުތަކަށް އަސަރުކުރި ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ފަސިންޖަރުންނާއި މުއާމަލާތް ކުރާނެ ކަމަށް ވެސް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.
އޭގެ ފަހުން ރީޖަނަލް އެއާޕޯޓް ކޮންޕަނީގެ އެމްޑީ އަހުމަދު މުބީން، ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންނަށް ގެނެވިފައިވާ ކަމަށެވެ. މުބީން ވަނީ މިދަނޑިވަޅުގައި ފަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާކަމެއް އާރު.އޭ.ސީ.އެލް އިން އަބަދުވެސް ކަށަވަރު ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން އެކުންފުނިން ބަލަހައްޓަމުން އަންނަ ހުރިހާ އެއާޕޯޓްތަކެއްގައި ވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔަރ ޓްރަކްތަކެއްކަމުގައި ވިދާޅުވެ، އާ ވެހިކަލްތައް ހޯދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް މުބީން ވިދާޅުވިއެވެ. މިމަސައްކަތް ކުރިއަށް ގެންދެވެނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އަދި ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން ކަމަށް މުބީން ވިދާޅުވިއެވެ.
"މިއީ ކުރީގެ ސަރުކާރުތަކުން މި އެއާޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުމުގެ ނަތީޖާ. އެތައްދުވަހެއް ވީއިރުވެސް އެއާޕޯރޓްތަކުގައި ހުރި ބައު ފަޔަރ ޓްރަކުތައް ވަނީ އާނުކުރެވި. އަޅުގަނޑުމެން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނަން" މުބީން ވިދާޅުވިއެވެ.
މިފަދަ މައްސަލަތަކުގެ ސަބަބުން ދިމާވާ ދަތިތަކަށް ފަސެންޖަރުންގެ ކިބައިން މައާފަށް އެދުމަށްފަހު، އެކުންފުނިން މަސައްކަތް ކުރާނީ ރައްޔިތުންނަށް އެންމެ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްކަމަށް ވެސް މުބީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް