މިނިސްޓަރ އަމީން
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރަސްމީ ދަތުރެއްގައި ގަތަރަށް ވަޑައިގެންފި އެވެ.
މިނިސްޓަރުގެ މި ދަތުރަކީ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމިއްޔާ (އައިކާއޯ) އިން އިންތިޒާމު ކުރާ ފެސިލިޓޭޝަން ކޮންފަރެންސްގައި ކުރިއަށްދާ ވަޒީރުން ފެންވަރުގެ ބޭފުޅުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.
މި ކޮންފަރެންސްގައި އައިކާއޯގެ ވަޒީރުންގެ މެދުގައި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.
ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ހިދުމަތުގެ ފެންވަރު އެއް ހަމައަކުން ފޯރުކޮށްދިނުމާއި އެކަމާ ގުޅޭ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުމެވެ.
މިކޮންފަރެންސްގައި "ދޯހާ ޑެކްލަރޭޝަން އޮން ފެސިލިޓޭޝަން އޮފް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް 2025" ގެ ނަމުގައި ގަރާރެއް ފާސްކުރާނެ އެވެ.
މި ގަރާރަކީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގަރާރެކެވެ.
ކޮމެންޓް