ކެމެރާ ހަރުކުރެވޭނެ ގޮތެއްނެތް، ގޮޅިތައް ގިނަވަގުތު ގާތުން މޮނިޓާކުރަން އެދިއްޖެ

ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން

ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވި މީހާގެ މައްސަލައިގައި ގޮޅިތައް ގަވައިދުން މޮނިޓާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ލަފާދީފައިވާނެ ކަމަށް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެޗްއާރްސީއެމް އިން ބުނީ ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހެއް އެޕްރީލް 4 ވަނަ ދުވަހުގެ 21:12 ގައި އަމިއްލަ ނަފްސަށް ގެއްލުން ދީފައިވާކަމަށްބުނެ ފުލުހުންގެ ކޮމިޝަނަށް ދިން މައުލޫމާތާއި ގުޅިގެން، އެދުވަހު އެޗްއާރްސީއެމް އިން ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ކަސްޓޯޑިއަލްގައި ހުރި އިތުރު މީހެއް އަމިއްލަ ނަފްސަށް ގެއްލުންދިނުމަށް މަސައްކަތްކުރުމާއި ގުޅިގެން، ކަންހިނގާފައިވާ ގޮތް ކޮމިޝަނުން ބަލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެޗްއާރްސީއެމް އިން ބުނީ ފުލުހުންގެ ގިނަ މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނެތްކަމަށާއި، ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ބަޖެޓުގެ ލިބުމުގެ ދަތިކަން ހުރި ކަމަށް ފުލުހުންގެ ހިދުމަތުން ފާހަގަކޮށްފައިވާ ކަމަށެވެ. އެއާއެކު އެޗްއާރްސީއެމް އިން ވަނީ ކެމެރާ ހަރުކުރެވެންދެން ގަވާއިދުން މޮނިޓާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ލަފާދީފައިވާނެ ކަމަށް ބުނެފައެވެ.

ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އެއީ މަސްތުގެ ހާލަތުގައި ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުލިގެން މި މަހުގެ 2 ވަނަ ދުވަހު ހައްޔަރުކުރި 34 އަހަރުގެ ފިރިހެނެކެވެ. އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާއެކު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. އޭރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ބުނެފައިވާއިރު އެ މީހާ ނިޔާވެފައިވަނީ އޭޕްރީލް 10 ގައެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި 2022 ވަނަ އަހަރު ވެސް މީހަކު އަމިއްލައަށް މަރުވެފައި ވެއެވެ. އޭރު މަރުވެފައި ވަނީ ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވުނު އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.