ރެއާލް
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށްފިއެވެ.
އެ ޓީމުން މެޗު ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ރެއާލަށް މޮޅެއް ނުހޯދުނެވެ. ދެ މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެ ގެއްލުނު ޕޮއިންޓް ތަކާއިއެކު އެ ޓީމަށް އެއްވަނަ ވެސް އޮތީ ގެއްލިފައެވެ. ނަމަވެސް ރޭ މެޗުގައި ރެއާލުން ވަނީ ރަނގަޅު ކުޅުމެއްދައްކައި މެޗު ކާމިޔާބު ކޮށްފައެވެ.
މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ބާސެލޯނާއެވެ. ބާސާއަށާއި ރެއާލަށް ވެސް 25 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. ބާސާއަށް އެއްވަނަ ލިބެނީ ހެޑް ޓު ހެޑް އިން ކުރިލިބޭތީއެވެ. އެއީ ލީގުގައި ބާސާއާއި ރެއާލް ބައްދަލުކުރި ފުރަތަމަ މެޗު ކާމިޔާބު ކޮށްފައިވަނީ ބާސާއަށް ވުމުންނެވެ. ޕޮއިންޓް ތާވަލުގެ ތިންވަނާގައި އެއް ޕޮއިންޓްގެ ފަރަގަކާއިއެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓްއަށްވެފައި ވަނިކޮށް ރެއާލަށް ލީޑު ނަގައިދިނީ ކެޕްޓަން މޮޑްރިޗް ކާމިޔާބުކުރި ހިތްގައުމު ގޯލަކުންނެވެ. މިއީ އޭރިއާ ބޭރުން ބޯޅަ ކޮންޓްރޯލްކޮށްފައި ވޮލީ އަކުން މޮޑްރިޗް ފޮނުވާލި ބޯލަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްގެން އޭނާ ޖެހި ގޯލެކެވެ. މިއީ، މި ފަހަރުގެ ސީޒަނުގައި ފެނުނު އެންމެ ހިތްގައިމު އެއް ގޯލެވެ. ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގަށް ބަލައިލާއިރު މި ސީޒަންގައި އޭރިއާ ބޭރުން އެންމެ ގިނަ ލަނޑު ޖަހާފައުވަނީ ރެއާލުންނެވެ. އެ ޓީމުން ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާތަކުން ޖުމްލަ 12 ލަނޑު މިހާތަނަށް ޖަހާފައެވެ. ދެން އެންމެ ގިނަ ލަނޑު އޭރިއާ ބޭރުން ފޮނުވާލި ހަމަލާތަކުން ކާމިޔާބު ކޮށްފައި ވަނީ ބަޔާން މިއުނިކުންނެވެ. އެ ޓީމުން ވަނީ 11 ލަނޑު ޖަހާފައެވެ.
މެޗުގައި ރެއާލުން ޖެހި ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ދިން ޕާހަކުން ކާމިޔާބުކޮށްފައިވަނީ ވިނިސއަސް ޖޫނިއާއެވެ. މެޗުގައި އެމްބާޕޭއަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ. ނަމަވެސް އެ އެއްވެސް ފުރުސަތެއްގެ ބޭނުން އެދެވޭ ގޮތެއްގައި ވަނީ ނުކުރެވިފައެވެ.
ކޮމެންޓް