މިފްކޯ އޮފީސް
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އިސް ތިން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.
މިފްކޯ އިން މިއަދު ބުނީ އެ ކުންފުނީގެ މެނޭޖުމެންޓު ޕާފޯމަންސް ރިވިއުކޮށް، ތިން ޖެނެރަލް މެނޭޖަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ވެސް ބޮޑަށް ހަރުދަނާކުރުމަށް މިހާރު ކުރިއަށްދާ އިސްލާހީ އެޖެންޑާގެ ދަށުން މެނޭޖުމެންޓު ޕާފޯމަންސް ރިވިއުކޮށް ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ގެންނަމުން އަންނަ ކަމަށް މިފްކޯ އިން ބުންޏެވެ. މިފްކޯ އިން ބުނީ އެ ކުންފުނީގެ އިސްލާހީ އެޖެންޑާގެ މަގުސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން ކަމަށެވެ.
މިފްކޯގެ އެފިޝަންސީ އެކްސަސައިޒް ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެގޮތުން މިފްކޯގެ ހިންގުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިފްކޯ އިން ވަނީ މިދިޔަ ޑިސެމްބަރު މަހު، ސީއީއޯގެ މަގާމަށް ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އައްޔަންކޮށްފައެވެ. މިއީ ސަރުކާރުގެ މަސް ކުންފުނީގެ ސީއީއޯކަމުގެ މަގާމަށް ރާއްޖެއިން ބޭރުގެ ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
ވިޓާލީ އަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަނުން ޑޮކްޓަރޭޓް އަދި އިކޮނޮމިކްސް ދާއިރާ އިން ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭގެ އިތުރުން އޭނާއަކީ ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ އިތުރުން ތަޖުރިބާކާރު ލޯޔަރެކެވެ.
މި ސަރުކާރުގައި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ފުރަތަމަ ހަމަޖެއްސީ އަހުމަދު ޝަމާހު ރަޝީދެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭ ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ. އެފަހުން މިފްކޯގެ ސީއީއޯގެ މަގާމު އޮތީ ހުސްކޮށެވެ.
ކޮމެންޓް