ޙައްޖަށް ދިޔުމުގެ ޚަރަދު މި ސަރުކާރުގައި ކުޑަވާނެ: ޝަހީމް

ވަޒީރު ޝަހީމް

ޙައްޖަށް ދިޔުމުގެ ޚަރަދު މި ސަރުކާރުގެ ދައުރުގައި ކުޑަވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އޮނަރަބަލް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ޙައްޖަށް ދިޔުމުގެ ޚަރަދު ކުޑަކުރުމަށް ޚާއްޞަ ތަޞައްވުރެއް އެކުލަވާލައި، އެކަމަށް މަސައްކަތް ފަށާފައެވެ.

ޙައްޖުގެ ނިޒާމު ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސްގެ އިރުޝާދުފުޅާ އެއްގޮތަށް ޙައްޖަށް ދިޔުމުގެ ޚަރަދު ކުޑަކުރުމަށް ޙައްޖު ކޯޕަރޭޝަނުން މަސައްކަތްކުރަމުންދާ ކަމަށާއި، މި ދައުރުގެ ތެރޭގައި އެކަށީގެންވާ ހެޔޮ ބަދަލެއް އަންނާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާ އެއްގޮތަށް، އަންނަ އަހަރުން ފެށިގެން ޙައްޖު ކިޔުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކަށް ލުއިތަކެއް ދިނުން ހިމެނެއެވެ.

މީގެ އިތުރުން، ވަޒީރު ވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވޭތުވެދިޔަ އަހަރު ޙާޞިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ ތެރޭގައި ޒަކާތު ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުވެފައިވުމާއި، މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި މިސްކިތްތައް ތަރައްޤީކޮށް އާބާތުރަ ފިލުވުމުގެ 40 އަށްވުރެ ގިނަ މަޝްރޫޢު މިހާރުވެސް ކުރިއަށްދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.