ޖަރުމަން ޗާންސެލަރު އޮލަފް ޝޮލްޒް
މިއުނިކްގެ މެދުތެރޭގައި މުޒާހަރާއެއްގައި އެއްވެ ތިބި މީހުންގެ ތެރެއަށް ކާރު ވައްދާލައިގެން ދިން ޙަމަލާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދެމައިން މިއަދު މަރުވެއްޖެއެވެ.
މި ދެމައިން މަރުވެފައި ވަނީ ހަމަލަ ދިންތާ ދެ ދުވަސްފަހުން ނެވެ. މަރުވި ދެމައިންނަކީ، 2 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ 37 އަހަރުގެ މަންމަ އެވެ.
މި ހަމަލަ ދީފައި ވަނީ، އުމުރުން 24 އަހަރުގެ އަފްޣާނިސްތާނުގެ ފިރިހެނެކެވެ. ހައްޔަރު ކުރުމަށްފަހު، ތަޙުޤީޤުގައި އޭނާ ވަނީ ޖަރީމާ ހިންގިކަމަށާއި އޭނާގެ ނިޔަތަށް އިއުތިރާފްވެފައެވެ. އަފްޣާން ޒުވާނާ ބުނީ އޭނާ ހަމަލަ ދިނީ، ހަރުކަށި އިސްލާމީ ފިކުރުގެ އޮއިވަރެއްގައި ޖެހިގެން ކަމަށެވެ.
މި ހަމަލަ ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މިއުނިކްގައި ވަޒީފާ އަދާ ކުރާ މީހުންގެ މައްސަލަތަކަކާ ގުޅޭ ގޮތުން ޓްރޭޑް ޔޫނިއަންގެ ބަޔަކު އެއްވެ މުޒާހަރާކުރަމުން ދަނިކޮށެވެ.
ޖަރުމަން ޗާންސެލަރު އޮލަފް ޝޮލްޒް ވަނީ ކެމްޕޭން ބައްދަލު ވުމެއްގައި މި ހާދިސާއަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ، އަފްޣާން މީހާއަށް ޙުކުމް ކުރާނެ ކަމަށާއި އޭނާގެ ޙުކުމް ތަންފީޒު ކުރުމަށްފަހު އަނބުރައި ޤައުމަށް ފޮނުވާލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މިޙަމަލާގައި މަރުވެފައިވާ މީހާއަކީ، އަލްޖީރިއާއަށް އުފަން މީހެކެވެ. ހަފްސާގެ ނަމުން ރިޕޯޓުކޮށްފައިވާ އަންހެންމީހާ ޖަރުމަންވިލާތަށް ހިޖުރަ ކުރީ އުމުރުން 4 އަހަރުގައެވެ.
ކޮމެންޓް