މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޮނަރަބަލް ޤާސިމް އިބްރާހީމް
ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމަށް ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމުގެ ކަންކަމާ ބެހޭ ގޮތުން އޭނާގެ ވިސްނުންފުޅު ހިއްސާކުރެއްވި އެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަކީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށެވެ.
ދެ އިންތިޚާބު އެއްކޮށްލުމުގެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މި އަހަރުގެ ތެރޭގައި ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ކަން ފާހަގަކޮށް، މި ކަމަށް ތާއީދުކުރައްވާ ސަބަބު ގާސިމް ވަނީ ބަޔާންކުރައްވާފައެވެ.
"އެހެން ނޫން ކަމަށް ވަންޏާމުން މި ވާގޮތަކީ، ރައީސް ކަމަށް ކޮންމެ ވެސް ބޭފުޅަކު ވަޑައިގެން އެ ބޭފުޅަކު އައިސް ތިން ހަތަރު މަސް ދުވަސް ފަސް ހަ މަސް ދުވަސް ފަހުން ސަރުކާރު ހިންގާފައި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނާތީ ސަރުކާރުން، ދައުލަތުން ނަހައްގު ހަރަދުތައް ހިންގާ، ނަހައްގު ކަންތައްތަކެއްކޮށް، ނުފޫޒު ފޯރުވަން ނުވަތަ އެހެން މިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށްޓަކައި ދާއިރާތަކަށް ގިނަގުނަ ކަންތައްތަކެއް ކޮށްދޭ ވާހަކަ ދައްކަނީ،" ގާސިމް ވިދާޅުވި އެވެ.
ދެ އިންތިޚާބު އެއްކޮށްލުމުން ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބަންދުވެގެންދާނެ ކަމަށް ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް