ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ޑިޖިޓަލައިޒޭޝަންގެ ނިޒާމް ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި ޤާއިމްކުރެވޭނެއެވެ.
ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޑިޖިޓަލައިޒޭޝަންގެ ނިޒާމް ވަކި އޮފީހަކަށް ނުވަތަ މުއައްސަސާއަކަށް ޚާއްޞަ ނުކުރައްވާ، ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި އެއް މިންގަނޑަކަށް ޤާއިމްކުރައްވާނެ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ދުނިޔޭގައި ކުރިއަރާފައިވާ، އިތުބާރުހުރި އަދި ފަސޭހަ ޒަމާނީ ގޮތްތައް ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހެއްދެވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމުގައެވެ. އަދި މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައިވެސް ވިދާޅުވިއެވެ.
މި އަމާޒު ޙާޞިލުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވެ، އޮކްޓޫބަރު މަހުގައި އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި، މީގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ސީދާ ދަތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އޭގެއިތުރުން، ރައީސް މުޢިއްޒު ވަނީ ބޭންކިންގ ޚިދުމަތްތައް ފުޅާކުރެއްވުމުގެ ގޮތުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އާބާދީގެ ބޮޑު ކުޑަމިނަކަށް ނުބައްލަވައި، ބީ.އެމް.އެލްގެ އޭޓީއެމް ޚިދުމަތްފޯރުކޮށްދެއްވާނެ ކަމަށް އިޢުލާންކުރައްވާފައެވެ.
މަސްވެރިކަމުގެ ދާއިރާއަށް ބައްލަވައިލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ޒަމާނީކުރެއްވުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާއި، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްވާނެ ކަމަށެވެ.
ކޮމެންޓް