އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް މި އަހަރު ކުރިއަށްގެންދާނަން : ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އިސްލާމީ ލީޑަރޝިޕް ކޮލިޓީ އުގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި "އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް އެކަމާ ގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން މި އަހަރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ މަންހަޖަކީ ކުރީ އަހަރުގެ ވެސް މަންހަޖު ކަމަށާއި، ދިވެހި އުންމަތުގެ ހާލާއި މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން ކަމުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ނަމާދަކީ ހުރިހާ މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއް ކަމުގައި ވުމާއެކު، ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައި މުހިންމު މަޝްރޫޢެއް ވަނީ ފަށާފައެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 މިސްކިތް ބިނާކުރުމުގެ މަޝްރޫޢު މި އަހަރު ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގަން ފެށުމުން ޤައުމުގެ މާލީ އިޖުތިމާޢީ ޢަދާލަތަށް، ނުވަތަ މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، އިރާދަކުރެއްވިއްޔާ އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ" ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ޤައުމީ ސަލާމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް މި އަހަރު ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.