ފަޒުލް ރަޝީދު
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ގެއިން ފެނުނު ފައިސާތައް ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ފަޒުލް ދިރިއުޅޭ މ. ޒޭވަރު ގެ ފުލުހުން ބަލައިފާސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އެ ގެއިން 1.4 މިލިއަން ރުފިޔާ ފުލުހުންނަށް ފެނުނު ކަމަށް ނޫސްތަކުގައި ރިޕޯޓްކުރުމާ ގުޅިގެން އެ ފައިސާއަކީ ކުންފުންޏަކުން ދީފައިވާ ފައިސާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ފަޒުލް ވަނީ ވާހަކަ ދައްކަވާފަ އެވެ.
ފުލުހުން ބުނީ ގޯތި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ އެޕާޓްމަންޓް ބަލައިފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ފަޒުލްގެ ގެ ފުލުހުން ބަލައި ފާސްކުރުމުން 1.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް އަޑު ފެތުރިފައިވަނިކޮށް، ލޯންޗެއް ބަންނަން ފަޒުލްއަށް 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ދިންކަމަށް ބުނީ ރިލެކްސް ފެރީ ސާވިސްއިންނެވެ. ރިލެކްސް ފެރީގެ ފޭސްބުކްގައި އެ ވާހަކަ ބުނެފައިވާއިރު ފަޒުލްވަނީ އެ ޕޯސްޓް ޝެއާކޮށްފަ އެވެ.
ކޮމެންޓް