ރައީސުލްޖުމްހޫރިއްޔާ ޑޜ.މުހައްމަދު މުއިއްޒު ހއ.ތަކަންދޫގައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ހއ. ތަކަންދޫއަށް ވަޑައިގެންފިއެވެ.
ތަކަންދޫއަށް ވަޑައިގަތުމުން، އެރަށުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރަށުގެ ގިނަބަޔަކުވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތަކަންދޫ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.
ތަކަންދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއިރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަކަންދޫގައި އަލަށް އިމާރާތްކުރާ ކައުންސިލް އިމާރާތުގެ ބިންގާ އެޅުންވެސް ކުރިއަށްދާނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.
ކޮމެންޓް