ރައީސުލް ޖުމްހޫރިއްޔާ ޑޜ.މުހައްމަދު މުއިއްޒު
ފަތުރުވެރިކަމަށް ކައުންސިލްތަކުން ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރުމަށް، 3 އިންސައްތައަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހއ. ފިއްލަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ހއ. ފިއްލަދޫއަކީ ޖާގައިގެ ގޮތުން ބިން އޮތް، އަދި ރަށް އޮތް ސަރަހައްދުގެ ގޮތުން ތަރައްޤީގެ ފުރުޞަތު ބޮޑު ރަށެކެވެ. އަދި ސަރުކާރުގެ ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭންގެ ދަށުން ގިނަ ފައިދާތަކެއް ކުރާނެ ރަށެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހއ. އަދި ހދ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން ހއ. ފިއްލަދޫއާއި ކެލައާއި، ވަށަފަރަކީ، ޓޫރިޒަމް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ސަރަހައްދުތަކެކެވެ.
"އިޤްތިޞާދީ ތަރައްޤީއަށް ވިސްނާއިރު ޓޫރިޒަމް ފުޅާކުރުން މުހިންމު. ހަނިމާދޫ އެއަރޕޯޓް އަދި މިސަރަހައްދުގެ އިކޮނޮމިކް ވައިބިލިޓީއަށްބަލައި އިޤްތިޞާދީ ފުރުޞަތު ފުޅާކުރަން ބޭނުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ލޯނު ސްކީމްގެ މަސައްކަތް މިހާރު ކުރިއަށްދަނީ މިނިސްޓްރީ އޮފް ފިނޭންސް އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެންނެވެ. މި ލޯނު ސްކީމަކީ އާންމުކޮށް ކޮމާޝަލް ބޭނުންތަކަށް ދޫކުރާ ލޯނުތަކަށްވުރެ 3 އިންސައްތަ ދަށް އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ ލޯނު ސްކީމެކެވެ.
ކޮމެންޓް