ކެލާ މެންބަރު އިބްރާހިމް ޝަރީފް
ސަރުކާރުގެ ތިން މިނިސްޓްރީ އަނދައިގެން ދިޔަ ހާދިސާއާ ގުޅިގެން ކުރީގެ ކެލާ މެންބަރު އިބްރާހިމް ޝަރީފް ވަނީ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.
މި ހާދިސާއަކީ ޤައުމީ ފެންވަރުގައި ބަލައި، ޒިންމާދާރު ފަރާތްތައް ހޯދަންޖެހޭ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޤައުމު އަނދަމުން މިދަނީ، އަނދަމުން ދާ ތަންތަން މި ފެންނަނީ މައްޗަށް ހުޅުފަޅާލީމަ، އެކަމަކު ޒިންމާވާނެ، ޒިންމާ ނަގާނެ ފަރާތެއް ނެތް. އިހުމާލުވީ ފަރާތެއް، މިންވަރެއް ނޭނގޭ،" އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުނު ލިޔެކިޔުންތަކާއި މުހިންމު ތަކެތީގެ މަޢުލޫމާތު ހާމަކުރުމުގައި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. ކޯވިޑް-19 އާ ގުޅޭ މަޢުލޫމާތު ހާމަނުކުރި ފަދައިން، މި ހާދިސާގައިވެސް މުހިންމު މަޢުލޫމާތުތައް ހާމަނުކުރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހާދިސާއަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ދެކެވޭއިރު، މިކަމުގައި އެކަށީގެންވާ ތަޙުޤީޤެއް ކުރެވި، ޒިންމާދާރު ފަރާތްތަކުން ޖަވާބުދާރީވާންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދި ވަނީ ތަފްޞީލީ މަޢުލޫމާތެއް ހާމަކޮށްފައި ނުވާ ކަން ފާހަގަކުރެވެއެވެ.
ކޮމެންޓް