ގެއްލުނު ބިދޭސީ މީހާ ފެނިއްޖެ، ދިޔައީ ކަޔަކްގައި ރިސޯޓަކަށް
ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން އިއްޔެ ހެނދުނު ގެއްލުނު ބިދޭސީ މީހާ މިއަދު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދިޔަ އެ މީހާ ކަޔަކް ބޯޓުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދު ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިއްޔެ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ އިއްޔެ 15:30 ހާއިރު ކަމަށެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ ބިދޭސީ މީހާ މޫދަށް ފޭބި ކަޔަކް ބޯޓު ހިއްސާކޮށްފައެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދަ ވެސް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެން ކަމުން ހުރިހާ އެންމެން ވެސް، އަދި ވަކިން ޚާއްސަކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.
ކޮމެންޓް