ބޯޓު ބިލްޑިންގް ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ވައުދުފުޅާ އެއްގޮތަށް، މި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް، ދާދި އަވަހަށް، އަމަލީ ސިފައެއްގައި ހައްލު ލިބެން ފަށާނެ ކަމުގެ ޔަގީންކަން، ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިންނަމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ބޯޓު ބިލްޑިންގް ސިނާއަތުގައި މަސައްކަތްކުރާ ދިވެހި ހުރިހާ ރައްޔިތުންނަށް އުންމީދު އައުކޮށްދެނިވި އުފާވެރި ހަބަރުތަކެއް ދެއްވާފައެވެ.

އެގޮތުން، ބޯޓު ބިލްޑިންގް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވެފައި ތިބި ދިވެހިންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމުގައި ފާހަގަކުރައްވައި، ރައީސް ވަނީ، ލުއި ގޮތެއްގައި، ރަހުނަކާ ނުލައި، ބޭންކިންގް ނިޒާމުގެ ތެރެއިން ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު، އިންޑަސްޓްރީ ފުޅާ ކުރުމަށް ފުރުސަތު ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދާއިރާގައި ބިދޭސީ ޝާމިލުވުން އޮތުމަށް އެދިވަޑައިނުގަންނަވާކަން ފާހަގަކުރައްވަމުން، ރައީސްވަނީ، މި ދާއިރާއިން ދިވެހި މަސައްކަތްތެރިން ބިނާކުރުމަށްޓަކައި ރ. އިންނަމާދޫގައި ތަމްރީނުދޭ ހާއްސަ މަރުކަޒެއް ތަރައްގީ ކުރައްވަން ގަސްތުކުރައްވާކަން ހާމަކުރައްވާފައެވެ. މި ފުރުސަތު ފަހިކޮށްދެވިގެން ދިއުމާއެކު، ބޯޓު ބިލްޑިންގް ސިނާއަތަކީ ދިވެހީންނަށް ހާއްސަ، އަދި ހަމަ އެކަނި ދިވެހި މަސައްކަތްތެރިން ހަރަކާތްތެރިވާ ދާއިރާއަކަށްވެ، ތަމްރީނު ވެފައިވާ ދިވެހިން އިތުރުވެގެންދާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށާ، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމަށް ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ބޯޓު ބިލްޑިންގް ސިނާއަތަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ކައުންސިލްތަކުން ކުއްޔަށް ބިން ދޫކުރަމުން އައިސްފައި ވަނީ ކުރު މުއްދަތަކަށް ކަމަށްވާތީ، އެފަދަ ބިންތަކުގައި އިންވެސްޓުކޮށް، ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ބިމާ ބެހޭ ސިޔާސަތުގެ ތެރެއިން، ދިގު މުއްދަތަކަށް ބިންތައް ކުއްޔަށް ދޫކުރެވޭނެ މަގުތައް ކައުންސިލްތަކަށް ފަހިކޮށްދެއްވައި، އެ ދާއިރާގައި އިންވެސްޓް ކުރުމުގެ އިތުބާރު ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން މިއީ ހަމައެކަނި ރ. އިންނަމާދޫއަށް އޮތް ކަމެއް ނޫން ކަމަށާއި، މުޅި ރާއްޖޭގައިވެސް މިކަންކަން ތަންފީޒުވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ބޯޓު ބިލްޑިންގް އިންޑަސްޓްރީ ސެކްޓަރގައި ދިވެހީންނަށް ކުރިއަށްދިއުމުގެ މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.