މަސްވެރިން
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މަސްވެރިކަން ކުރާ 78 އުޅަނދަކަށް ޖުމްލަ 4،293،052 ރުފިޔާގެ އެމްވީއާރު ފައިސާ ކްރެޑިޓް ކޮށްފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ފައިސާއަކީ 2025 ވަނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ބަރުކޮށްފައިވާ މަހަށް ދޭ އެމްވީއާރު ފައިސާއެވެ. އަދި މި ފައިސާ ޖެނުއަރީ 22 ގެ ނިޔަލަށް ވަނީ އުޅަނދުތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނިމިފައެވެ.
މަސްވެރިންނަށް ދެވޭ އެމްވީއާރުގެ ފައިސާއަކީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށާއި، މަސްވެރިންގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ދެމުންގެންދާ އެހީތެރިކަމެކެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ މަސްވެރިންނަށް ދެވޭ އެމްވީއާރުގެ ފައިސާ ވީހާވެސް އަވަހަކަށް ޖަމާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިކަމަކީ މަސްވެރިންގެ ދިރިއުޅުމަށް އެހީތެރިވުމަށް ސަރުކާރުން ދެމުންގެންދާ ޚާއްސަ އަހައްމިއްޔަތުކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް