އުނގޫފާރުގައި އައިޑީކާޑު ހިދުމަތް ފަށައިފި

ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް އިފްތިތާހުކުރުން

ދެ ހިދުމަތް އިފްތިތާހް ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި، ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

މިނިސްޓަަރު ވަނީ އެ ހިދުމަތް އިފްތިތާހުކޮށްދެއްވުމުގެ ގޮތުން އެ ރަށުގައި ފުރަތަމަ ޕްރިންޓް ކުރި އައިޑީކާޑު އޭގެ ވެރިފަރާތާ ހަވާލުކޮށްދެއްވާފައެވެ. އަދި އެރަށުގެ އިމިގްރޭޝަނުން ދޫކުރި ފުރަތަމަ ޕާސްޕޯޓުވެސް މިނިސްޓަރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްދެއްވިއެވެ.

މާލެއިން އެކަނި ލިބޭ އައިޑީކާޑުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް ޑރ. މުއިއްޒު ވައުދުފުޅަކަށްވާއިރު މާލޭ ފިޔަވައި މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދުއެވެ.

އަދި ހަމައެހެންމެ އައިޑީކާޑުގެ ހިދުމަތް ވެސް ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގައި މިހާރު ލިބެމުންދެއެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.