ފުދިއްޖެ-ފުނޑިއްޖެ ހިނގާލުމޭބެހޭ މައިލޫމާތު ދިނުމުގެ ތެރެއިން
އެމްޑީޕީ އިން ބޭއްވުމަށް ހަމަޖެހިފައިވާ "ފުދިއްޖެ-ފުނޑިއްޖެ" ހިނގާލުމުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި ޕާޓީގެ އިސް ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި އަދި އާންމު މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ އެމްޑީޕީން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހިނގާލުމުގެ މަޢުލޫމާތު ވީހާވެސް ގިނަ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
"ފުދިއްޖެ-ފުނޑިއްޖެ" ހިނގާލުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައެވެ. މި ހިނގާލުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި ރައްޔިތުންގެ އަޑު އިއްވުމަށް އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެމްޑީޕީގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، "މި ހިނގާލުން ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމާއި، ރައްޔިތުންގެ އަޑު އުފުލުން" ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީން ވަނީ މި ހިނގާލުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ގޮވާލައްވާފައެވެ. އަދި ހިނގާލުމުގެ މަޢުލޫމާތު ހިއްސާކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތަށް ރައްޔިތުންގެ ފަރާތުން ފާހަގަކޮށްލެވޭ އިޖާބައެއް ލިބިފައިވާ ކަމަށް ޕާޓީގެ ފަރާތުން ބުނެއެވެ.
ކޮމެންޓް