ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލް ބަލިވެއްޖެ

އަރސެނަލް

އިނގިރޭސި ކަރަބާއޯ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން އާސެނަލް ބަލިވެއްޖެ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ފަންސާސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 37 ވަނަ މިނިޓުގައި ނިއުކާސަލް ޔުނައިޓެޑްގެ އެލެކްޒެންޑަރ އިސާކް ވަނީ ލަނޑެއް ޖަހާ ނިއުކާސަލް އަށް ކުރި ހޯދަދީފަ އެވެ.

މިއީ މި ސީޒަނުގައި ނިއުކާސަލް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 15 މެޗުގައި އިސާކް ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. އަދި އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ހަތް މެޗުން މޮޅުވެފަ އެވެ.

މި މެޗުގައި ނިއުކާސަލް ޔުނައިޓެޑް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 51 ވަނަ މިނިޓުގައި އެންތޮނީ ގޯޑަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި މެޗުގައި އާސެނަލްގެ ގެބްރިއެލް މާޓިނޭލީ ފޮނުވާލި ނުރައްކާތެރި ހަމަލައެއް ނިއުކާސަލްގެ ގޯލުގެ ދަނޑީގައި ޖެހިފައިވާއިރު ވިލިއަމް ސަލީބާ އާއި ޖުރިއެން ޓިމްބަރ އަށް ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފަ އެވެ.

ނިއުކާސަލް ޔުނައިޓެޑަށް މިހާތަނަށް ކަރަބާއޯ ކަޕް ކާމިޔާބު ކުރެވިފައިނުވާއިރު އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އާސެނަލް އާއި ދެކޮޅަށް ކުޅޭ ސެމީ ފައިނަލުގެ ދެވަނަ ލެގުން އެއް ލަނޑުގެ ތަފާތަކުން ނިއުކާސަލް ބަލިވިނަމަވެސް އެ ޓީމަށް މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ލިބިގެންދާނެ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.