ގާޑިއޯލާ
މެންޗެސްޓާ ސިޓީއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އުއްމީދު ކަނޑާނުލައި މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ފާއިތުވެދިޔަ ހަތް ސީޒަނުގެ ތެރެއިން ހަ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ސިޓީއަށް މި ސީޒަނުގެ ފެށުން ރަގަޅުވި ނަމަވެސް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަކީ ގާޑީއޯލާގެ ކޯޗިން ހަޔާތުގައިވެސް ކުރިމަތިވެފައިވާ އެންމެ ދަށް ނަތީޖާތަކެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން އެ ޓީމު ކުޅުނު 13 މެޗުގެ ތެރެއިން 9 މެޗުން ބަލިވެފައިވާއިރު، ގާޑިއޯލާ ވަނީ އެކަމުގެ ޒިންމާ އެހެން މީހަކު ނަގަން ނުޖެހޭނެކަމަށްބުނެ އެ ޒިންމާ ނަގާ އެކަމަށް ހައްލު ހޯދަދޭނެ ކަމަށް ބުނެފަ އެވެ. މިއަދު ލެސްޓަރ ސިޓީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ނިކުންނައިރު، ގާޑިއޯލާ ބުނެފައިވަނީ ސިޓީގެ ވެރިންނާއި އަދި ސަޕޯޓަރުންގެ އިތުރުން ކުޅުންތެރިންވެސް ބޭނުންވަނީ މިކަމަށް ނިމުމެއް ގެނެސް އެ ޓީމު ކުރިން އޮތް ހާލަތަށް ގެނައުން ކަމަށެވެ.
ސިޓީ އަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަދި މި އަހަރުގެ ބަލޮންޑޯ އެވޯޑް ހޯދި ރޮޑްރީއަށް އަނިޔާވެ ގިނަ ދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހުނު ހިސާބުންނެވެ. ގާޑިއޯލާ އިތުރަށް ބުނެފައިވަނީ އެ ޓީމުން ގިނަ ދުވަސްތަކެއް ވަންދެން އެއް ފެންވަރެއްގައި ރަގަޅު ނަތީޖާތަކެއް ހޯދާފައިވާ ކަމަށާއި އަދި މިހާރު އެ ޓީމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާވުމުގެ ސަބަބުން ކަމަށެވެ.
ކޮމެންޓް