ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ބޮޑު ކުލަބެއް ގަންނާނަން : ރޮނާލްޑޯ

ބޭއްވި ދުބާއީ ގްލޯބް އެވޯޑްސްގެ ހަފްލާގެ ތެރެއިން

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ބޮޑު ކުލަބެއް ގަނެ، އެ ކުލަބުގެ ވެރިއަކަށް ވާނެ ކަމަށް ޕޯޗުގަލް އާއި އަލް ނަސްރުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ދުބާއީގައި އިއްޔެ ބޭއްވި ދުބާއީ ގްލޯބް އެވޯޑްސްގެ ހަފްލާގެ ތެރެއިން އެ އިވެންޓުގެ ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބު ދެމުން ރޮނާލްޑޯ ބުނެފައިވަނީ އޭނާ އަކީ އަދިވެސް ޒުވާން ކުޅުންތެރިއެއް ކަމަށާއި އަދި އޭނާ ކުރިއަށް ވިސްނާ އަދި ދެކެން ބޭނުންވާ ހުވަފެންތަކެއް އެބަހުރި ކަމަށާއި ނަމަވެސް ކުޅުން ހުއްޓާލުމަށްފަހު އޭނާ ބޮޑު ކްލަބެއްގެ ވެރިއަކަށް ވާނެ ކަމަށެވެ.

ރޮނާލްޑޯ ގަންނަން އުޅެނީ ކޮން ގައުމެއްގެ ކޮން ކްލަބެއް ކަމަށް ނުބުނި ނަމަވެސް އޭނާ ވަނީ އަދިވެސް މެންޗެސްޓަރ ޔުނައިޓެޑަކީ އޭނާއަށް ޚާއްސަ ކްލަބެއް ކަމަށް ބުނެފަ އެވެ.

އަދި މި ސީޒަނުގައި އެ ކްލަބަށް ކުރިމަތިވެފައިވާ މައްސަލައަކީ ކޯޗުގެ މައްސަލައެއް ނޫން ކަމަށާއި ކިތަންމެ ވަރަކަށް ކޯޗުން ބަދަލުކުރި ނަމަވެސް އަސްލު މައްސަލަ ހައްލު ނުކޮށް އެ ކްލަބަށް ކުރިމަތިވެފައިވާ މައްސަލަ ރަގަޅު ނުކުރެވޭނެކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އަދި އެ ކްލަބުގައި ބޮޑެތި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ރޮނާލްޑޯ ބުނި ނަމަވެސް އެކަމުގެ ތަފްސީލަކަށް އޭނާ ނުދެއެވެ.

ދުބާއީގައި ބޭއްވި ދުބާއީ ގްލޯބް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއާރ އަށް ލިބުމުން އެއީ އޭނާއަށް ހައްގު އެވޯޑެއް ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.