ޓޮޓްނަމް ހޮޓްސްޕާ އާއި ބާންލީ ބައްދަލުކުރި މެޗުން ބަލިވެ ބާންލީ ރެލިގޭޓް ވެއްޖެ

ޓޮޓްނަމް ހޮޓްސްޕާ އާއި ބާންލީ ބައްދަލުކުރި މެޗުން ބަލިވެ ބާންލީ ރެލިގޭޓް ވެއްޖެ

އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އާއި ބާންލީ ބައްދަލުކުރި މެޗުން ބަލިވެ ބާންލީ ރެލިގޭޓް ވެއްޖެއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ. މިދިޔަ ސީޒަންގައި ޗެމްޕިއަންޝިޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕްރިމިއާ ލީގުން ޖާގަ ހޯދި ބާންލީއަށް މި ސީޒަންގައި ގިނަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މާ ރަނގަޅު ނަތީޖާތަކެއް ހޯދޭގޮތްވަނީ ނުވެފައެވެ.

މިގޮތުން މި މެޗުގައި ވެސް ފެނިގެންދިޔައީ އެ މަންޒަރެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފާވަނީ ވެސް ބާންލީއެވެ. މެޗުގެ 25ވަނަަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޭކޮބް ބްރުން ލާސެންއެވެ. ނަމަވެސް ބާންލީއަށް މި ލީޑު ދެމެހެއްޓޭ ގޮތްވީ ހަތް މިނެޓު ވަންދެނެވެ.

ސްޕާސްއިންވަނީ މެޗުގެ 32ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕެޑްރޯ ޕޯރޯއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް އެ ޓީމުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މި މެޗުގެ ދެވަނަ ހާފުގައި ބޮޑަށް ފެނުނީ ސްޕާސްއިން ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔައިރު ބާންލީއިން ޑިފެންޑް ކުރުމާއެކު ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ.

މިގޮތުން ސްޕާސްއިންވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް މި މެޗުގެ ދެވަނަ ހާފުގައި އުފައްދާފައެވެ. އަދި ބާންލީއިންވަނީ މީގެ ތެރެއިން ގިނަ ހަމަލާތައް ވަރަށް ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. މި މެޗުން ސްޕާސް މޮޅުވި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ މިކީ ވެން ޑެވެންއެވެ.

މި މެޗުން ބަލިވުމާއެކު ބާންލީއަށް މިހާރުވަނީ ތާވަލްގެ 17 ވަނައިގާ އޮތް ނޮޓިންހަމް ފޮރެސްޓަށްވުރެ ކުރި ނޭރޭނެކަން ޔަގީންވެގެން ގޮސްފައެވެ.

ބާންލީއަށް ލިބިފައިވަނީ 37 މެޗުން 24 ޕޮއިންޓެވެ. އަދި ފޮރެސްޓް އުޅެނީ 29 ޕޮއިންޓްގައެވެ. މިއާއެކު ބާންލީ މިވަނީ ޗެމްޕިއަންޝިޕަށް އަނެއްކާ ވެސް ރެލިގޭޓްވެފައެވެ. މި މެޗުން މޮޅުވުމާއެކު ސްޕާސް އުޅެނީ ކުޅުނު 36 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.