މެސީ
ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ އެސޯސިއޭޝަން (ފިފް) ޕްރޯއިން ހޮވި މި އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ލިސްޓުން މަޝްހޫރު ލިއޮނެލް މެސީ ކަޓައިފި އެވެ.
މިއީ، 17 އަހަރަށް ފަހު އެ ލިސްޓުން މެސީ ކެޓި ފުރަތަމަ ފަހަރެވެ. ބާސެލޯނާގެ ލެޖެންޑް ވަނީ 2006 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެ ލިސްޓްގައި މިދިޔަ ކޮންމެ އަހަރަކު ހިމެނިފަ އެވެ.
އާޖެންޓީނާ އާއި އިންޓަ މަޔާމީގެ ކެޕްޓަނަށް މި އަހަރު އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި، އޭނާ މި އަހަރު ހޭދަކުރަން ވެސް ޖެހުނެވެ. އެކަމަކު އާޖެންޓީނާ އަށް މި އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށް ދިނުމުގައި އޭނާ ހިއްސާވި އެވެ.
ފިފް ޕްރޯގެ ގަދަ 11 އިން ފުރުސަތު ނުލިބުނު މަޝްހޫރު އަނެއް ކުޅުންތެރިޔަކީ މެސީގެ ވާދަވެރިޔާގެ ގޮތުގައި މަޝްހޫރު ކުރާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަލް ނަސްރުގެ ފޯވާޑަށް ޔޫރޯގައި ވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ.
ލިވަޕޫލުގައި އަލުން ވިދަމުން އަންނަ މުހައްމަދު ސަލާހް ވެސް ގަދަ 11 ކުޅުންތެރިންގެ ތެރޭގައި ލައްވައެއް ނުލި އެވެ.
މި ސީޒަނުގައި ރެއާލް މެޑްރިޑަށް ބަދަލުވެ، ކުރީގެ ކުޅުން ދެއްކުމުގައި އުނދަގޫ ކުރިމަތިވެފައިވާ ކިލިޔަން އެމްބާޕޭ ގަދަ 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ. މެންޗެސްޓާ ސިޓީގެ އާލިންގް ހާލަންޑާއި ކެވިން ޑި ބްރެއިނާ ވެސް ވަނީ ގަދަ 11 ކުޅުންތެރިންގެ ލިސްޓްގައި ހިމެނިފަ އެވެ.
ކޮމެންޓް