ރައީސް ކެޔޮޅުންނާ ބައްދަލުކުރައްވައިފި، ވިދާޅުވީ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް

ރައީސް ކެޔޮޅުންނާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެޔޮޅުންނާ ބައްދަލުކުރައްވައި، ކެޔޮޅުންގެ ބައްދަލުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.މި ބައްދަލުކުރެއްވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ކަންބޮޑުވުންތަށް ފާހަގަކޮށްފައެވެ.

އެގޮތުން މަހުގެ އަގު ދަށްކަމާއި ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކެއުޅުން ވަނީ އެދިފައެވެ.

މީގެއިތުރުން މަސްވެރިކަމުގެ ސިނާއަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ކެޔޮޅުން ވަނީ ހިއްސާކޮށްފައެވެ. އަދި މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކެޔޮޅުން ފާހަގަކުރި ކަންކަން ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަދު ކުރިއަށްދިޔަފަދަ ބައްދަލުވުންތައް ގިނަ ގިނައިން ބޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.