ރައީސް ޔާމީން
މި ސަރުކާރަށް ވުރެ ގިނައިން ޖުޑީޝަރީއަށް އަތްބޭނި އިތުރު ސަރުކާރެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން މިފަދައިން ވިދާޅުވިއެވެ. އެގޮތުން ޔާމީން ވިދާޅުވީ ޖުޑީޝަރީއަށް މި ސަރުކާރުން އަތް ނުބާނާނެ ކަމަށް ބުނަމުން އައި ނަމަވެސް، މި ސަރުކާރަށް ވުރެ ގިނައިން ޖުޑީޝަރީއަށް އަތްބާނާ އިތުރު ސަރުކާރެއް ނޯންނާނެ ކަމަށާއި، ޔާމީންގެ މައްސަލައަށްވެސް މި ސަރުކާރުން އަތްބާނާފައިވާ ކަމަށެވެ.
މި ސަރުކާރުން އަބަދުވެސް ދައްކަނީ ކުރީ ސަރުކާރުތަކުން ގޯސްކޮށް ކޮށްފައިވާ ކަންކަމުގެ ވާހަކަތައް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް ފުރަތަމަ ދުވަހުން ފެށިގެން ހަދާފައިވަނީ ހުސް ގޯސް ކަަމަށެވެ.
އެއް އަހަރު މި ސަރުކާރަށްވެގެން ދިޔައިރު ރައްޔިތުންނަށް އެއްވެސް ކަމެއްގައި ލުއިފަސޭހައެއް ނުލިބުން ކަމަށާއި އާސަންދައިންނާއި، ޓޫރިޒަމް ދާއިރާއަށް ބެލި ނަމަވެސް ރައްޔިތުންނަށް ކުރިމަތި ކުރުވާފައިވަނީ ބޮޑު ތަކުލީފެއްކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. މި ސަރުކާރަށް ލިބިގެން ދާނީ "ޔޫ" ރިޕޯޓެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ މައްސަލައަށްވެސް މި ސަރުކާރުން އަތްބާނާފައިވާ ކަމަށް ޔާމީން ވިދާޅުވިއިރު، މި ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގެން ހުންނެވީ، ވެ ވަޑައިގަތް ވައުދާ އެއްގޮތަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނެވިފައިވާތީ ކަމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު އެ މަނިކުފާނު ކާމިޔާބު ކުރެއްވުމާއެކު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދެންނެވުމަށް ގުޅުއްވުމުން ވެސް، އެންމެ ފުރަތަމަ އެދިވަޑައިގަތީ ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ކަމަށެވެ.
ކޮމެންޓް