އިންޑިއާގެ އުޅަނދު
ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ބޭރުގެ ސިފައިން ރާއްޖޭގައި ހިންގާ ތަމްރީނަކަށް ފިޔަވައި އެހެން އެއްވެސް ސިފައެއްގައި ހަރަކާތްތެރި ނުވެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ގާނޫނުއަސާސީ އިސްލާހު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އިސްލާހު ކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ.
އެ މާއްދާގައި މިހާރު ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަށް ދީގެން ނުވާނެ ކަމަށެވެ.ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުން އަސްކަރީ ބޭނުމަށް ބޭނުން ކުރުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށެވެ.
މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ އަސްކަރީ ބޭނުމަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ރާއްޖެއިން ބޭރުގެ ސިފައިންނާ ގުޅޭ މާއްދާ މިހާރަށް ވުރެ ހަރުކަށި ކޮށްފައިވާ އިރު އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމާއި އެ ގައުމާ އެކު ވެފައިވާ ދިފާއީ އެއްބަސްވުންތައް ރިވިއުކޮށް ރާއްޖޭގެ ސިޔާސަތަށް ގެއްލުންވާ ގޮތަށް ހުރި އެއްބަސްވުންތައް އުވާލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ.
ކޮމެންޓް