އީސީ އާއި އޭސީސީގެ ވެރިން އައްޔަންކުރުމުގެ ބާރު ސީދާ ރައީސަށް ދެނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު

އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން، އެ ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރަން ހުށަހަޅަން ވާނީ ދެ ކޮމިޝަންގައި ވެސް ތިއްބެވި މެންބަރުންގެ ތެރެއިންނެވެ. ހަމަ އެހެންމެ ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަމަށް އައްޔަންކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުގެ ރުހުން ލިބޭ ނަންތައް ކަމަށް ވެސް، އިސްލާހުގައި ވެއެވެ.

އެކަމަކު މިވަގުތު އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސުންނާއި ނައިބު ރައީސުންގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިވަންދެން އެ މަގާމުތަކުގައި ދެމިތިބެވޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނާއި އެންޓީ ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން، އެ ދެ ކޮމިޝަންގެ ރައީސުންނާއި ނައިބު ރައީސުންގެ ގޮތުގައި އައްޔަންކުރާނީ ދެ ކޮމިޝަންގެ ވެސް ޖަލްސާއެއްގައި މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުން ހޮވޭ މެމްބަރެކެވެ. ހަމަ އެހެންމެ ދެ ކޮމިޝަންގެ ރައީސުން އިސްތިއުފާ ދެއްވާ ނަމަ، އިސްތިއުފާގެ ސިޓީ ހުށަހަޅަން ޖެހޭނީ ކޮމިޝަނަށެވެ. ނައިބު ރައީސުން އިސްތިއުފާގެ ސިޓީ ހުށަހަޅަން ޖެހޭނީ ކޮމިޝަންތަކުގެ ރައީސުންނަށެވެ

އެކަމަކު މި އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސުންނާއި ނައިބު ރައީސުން އިސްތިއުފާގެ ސިޓީ ހުށަހަޅަން ޖެހޭނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.