ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ތަށި ކްލަބް ވެމްކޯއިން ދިފާއު ކޮށްފި

ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ތަށި ކްލަބް ވެމްކޯއިން ދިފާއު ކޮށްފި

މިފަހަރުގެ މުބާރާތުގެ ފައިނަލުގައި ވެމްކޯއިން ވާދަކުރީ ރޯޑް ރިކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއެވެ. މި މެޗު ވެމްކޯއިން ކާމިޔާބުކުރީ އާރްއާރްސީން ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރާ ހަތަރު ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާރްއާރްސީއަށް ލީޑު ނަގައިދިނީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން، ވެމްކޯގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ދެވަނަ ހާފުގައި ވެމްކޯއިން ތިން ލަނޑު ޖެހިއިރު، މި ތިން ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝިޔާހު (ޝިޔާ) އެވެ.

ދެވަނަ ހާފުގައި އާރްއާރްސީއަށް ލަނޑުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްވެސް ކާމިޔާބުކުރީ ވެމްކޯއިންނެވެ. އެފަހަރުވެސް ފައިނަލުގައި ވާދަކުރަން ޖެހުނީ އާރްއާރްސީއާއެވެ. މިދިޔަ އަހަރުގެ މުބާރާތް ވެމްކޯއިން ކާމިޔާބު ކޮށްފައިވަނީ 5-3 ގެ ނަތީޖާއަކުން އާރްއާރްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ވެމްކޯއަކީ މުބާރާތުގެ ތަށި ވިދިވިދިގެން ދެފަހަރަށް ކާމިޔާބުކުރި ހަތަރުވަނަ ޓީމެވެ. ވެމްކޯގެ އިތުރުން އެސްޓީއޯ، އެމްޕީއެލް އަދި އެމްއޭސީއެލްއިންވެސް ވަނީ މީގެ ކުރިން، މުބާރާތުގެ ތަށި ޖެހިޖެހިގެން ދެފަހަރަށް ކާމިޔާބު ކޮށްފައެވެ.

މިފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އަބްދުﷲ ޖުނައިދު (ޖެންނެ) އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަހްމަދު ތޯހާއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް މޯލްޑިވިއަންގެ އަހްމަދު އަފްލާޒް ހޮވުނުއިރު، ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ އަހްނަފް ރަޝީދުއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ދިވެހި ސިފައިންގެ ކްލަބެވެ. ބެސްޓް ސަޕޯޓާސް ޓީމްގެ އެވޯޑް މިފަހަރުވެސް ލިބުނީ އާރްއާރްސީއަށެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ވެމްކޯގެ ޝިޔާ، ޖެންނޭ އަދި ކީޕަރު އަބްދުﷲ ޒިމާމްގެ އިތުރުން، އާރްއާރްސީގެ އަލީ ހާފިޒް (ހާއްޕެ) އާއި ބިޗަޑްއެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ބިޗަޑެވެ. އޭނާ ވަނީ މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ލަނޑު ޖަހާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.