މަސައްކަތު ބައްދަލުވުމެއްގެ ބައިވެރިން
ކީ ސްޓޭޖް 3 އަދި 4 ގެ ސައިންސް އަދި ހިސާބު މާއްދާ ކިޔަވާ ދަރިވަރުންގެ ފެންވަރު މަތިކުރުމަށް
ސާނަވީ ގްރޭޑް ތަކަށް ސައިންސް އާއި ހިސާބު ކިޔަވައިދޭ މުދައްރިސުންނަށް ހާއްސަކޮށްގެން ޓްރެއިނިންގ އޮފް ޓްރެއިނަރސް މަސައްކަތު ބައްދަލުވުން، މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަސައްކަތު ބައްދަލުވުމަކީ، އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ)ގެ އެހީތެރިކަމާއެކު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން(އެން.އައި.އީ)އިން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކީ ސްޓޭޖް 3 އަދި 4 ގެ ސައިންސް އަދި ހިސާބު މާއްދާ ކިޔަވާ ދަރިވަރުންގެ ފެންވަރު މަތިކުރުމަށްޓަކައި، މި މާއްދާތައް އުނގަންނައިދެއްވާ ޓީޗަރުންނަށް ބޭނުންވާ ފަންނީ ގާބިލުކަމާއި އަދި ހާއްސަކޮށް އެ ބޭފުޅުންގެ ކިޔަވައިދިނުމުގެ ހުނަރާއި ޕެޑަގޮޖިކަލް ކޮންޓެންޓް ނޮލެޖް ތަރައްގީކުރުމެވެ.
ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދާ މިމަސައްކަތު ބައްދަލުވުމުގެ ތެރެއިން:
1. ސެކަންޑަރީ ސައިންސް މާއްދާތަކާއި ހިސާބު އުނގެނުމާއި އުނގަންނައިދިނުން އިތުރުކުރުމަށް ފޯރމަޓިވް އެސެސްމަންޓް ބޭނުންކުރުމާ ބެހޭ މަޢުލޫމާތު ހިއްސާކުރެވޭނެ.
2. އުނގެނުމުގައި ހުންނަ ފަރަގުތައް ދެނެގަނެ، ދަރިވަރުންގެ ކުރިއެރުމަށްޓަކައި "ޔޫސް އެސެސްމަންޓް ޑޭޓާ" ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ހިއްސާކުރެވޭނެ.
މި މަސައްކަތު ބައްދަލުވުމުގެ މިބުރުގައި މާލެ އާއި އަތޮޅުތެރޭގެ 114 ސްކޫލުން 228 ޓީޗަރުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީންވާނެއެވެ. މީގެ ތެރޭގައި ކޮންމެ ސްކޫލަކުން ވެސް ހިސާބު މާއްދާ އާއި ސައެންސްގެ މައްދާތަކަށް ޓްރެއިނަރެއް ހިމެނޭހެން 2 ޓްރެއިނަރުން ތަމްރީނުވާނެއެވެ.
މި ތަމްރީނު ފުރިހަމަ ކުރުމަށްފަހު ޓްރެއިނަރުން މަސައްކަތްކުރައްވާ ސްކޫލުތަކާއި އަތޮޅުގެ އެހެން ސްކޫލުތަކުގައި މި މާއްދާތައް ކިޔަވައިދެއްވާ ޓީޗަރުންނަށް މި ތަމްރީން ފޯރުކޮށްދެއްވާނެއެވެ.
މި ޕްރޮގުރާމް ގެ ކޮންސަލްޓެންސީގެ މަސައްކަތްކޮށްފައިވަނީ ވިލާކޮލެޖުންނެވެ.
މި މަސައްކަތު ބައްދަލުވުން ކުރިޔަށް ދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރު އޮކްޓޫބަރު 13-17 އަށް، އަދި ދެވަނަ ބުރު އޮކްޓޫބަރު 20-24 އަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް