ރައީސް ޑރ. މުޢިއްޒުއަށް ބެންގަލޫރުން މަރުޚަބާ ވިދާޅުވަނީ
ބެންގަލޫރަށް ވަޑައިގަންނަވަނީ ބެންގަލޫރުގައި ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ބެންގަލޫރަށް ވަޑައިގެންފިއެވެ.
ބެންގަލޫރަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ކަރްނާޓަކާ ސަރުކާރުގެ، ޗިއްކަބައްލަޕޫރު ޑިސްޓްރިކްޓްގެ އިންޗާޖް މިނިސްޓަރ އަދި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަނެވެ.
ރައީސް ޑރ. މުޢިއްޒު ބެންގަލޫރަށް ވަޑައިގަންނެވީ ބެންގަލޫރުގައި ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ ރައީސް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ. މި ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ބެންގަލޫރުގައި ތިބި ދިވެހިންނާ ބައްދަލުކުރެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.
ރައީސް ޑރ. މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިމުމަކާ ކައިރިވެފައެވެ. މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ހަތަރު މުހިންމު ސިޓީއަކަށް ޒިޔާރަތް ކުރައްވައިފައެވެ.
ކޮމެންޓް