އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ
"ޒިއްމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން" ގެ މައުޞޫއަށް މިއަދުގެ ޚުޠުބާ ވަނީ ހާއްސަކޮށްފަ
ކޮންމެ އިންސާނަކީ، އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް اللهގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ޒިއްމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން" ގެ މައުޞޫއަށް ހާއްސަކޮށްފައިވާ މިއަދުގެ ޚުޠުބާގައި ބުނީ ކޮންމެ މީހަކީ ދިރިއުޅެމުންދާ މުޖުތަމަޢުގައި، އޭނާ ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށެވެ. އަދި މައިންބަފައިން، މުދައްރިސުން، އެކިއެކި އޮފީސްތަކުގެ ވެރީންނާއި މުވައްޒަފުން އެމީހުންނާ ޙަވާލުވެފައިވާ މަސްއޫލިއްޔަތާ މެދު ދުނިޔެއާއި އާޚިރަތުގައި ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
"ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ ބެލެހެއްޓުންތެރިއަކު އޭނާ ބަލަހައްޓާން ޖެހިފައިވާ ބަޔަކާ އަދި ކަމަކާމެދު މަސްއޫލުވާން ޖެހޭނެއެވެ. ފަހެ މީސްތަކުންގެ ވެރިމީހާއީ ބެލެހެއްޓުންތެރިއެކެވެ. އޭނާ، އޭނާގެ ރައްޔިތުންނާ މެދު މަސްއޫލުވާން ޖެހޭނެއެވެ. ފިރިމީހާއީ އޭނާގެ އަހުލުވެރީންގެ ބެލެހެއްޓުންތެރިއެކެވެ. އޭނާ އެއުރެންގެ މައްޗަށް މަސްއޫލުވާން ޖެހޭނެއެވެ. އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުންތެރިއެކެވެ. އޭނާ އެއުރެންގެ މައްޗަށް މަސްއޫލުވާން ޖެހޭނެއެވެ. އަޅުމީހާއީ، އޭނާގެ ސާހިބުމީހާގެ ގޭގެ ބެލެހެއްޓުންތެރިއެކެވެ. އޭނާ އޭނާގެ ސާހިބުމީހާއަށް ޖަވާބުދާރީވާން ޖެހޭނެއެވެ. ދަންނާށެވެ! ފަހެ ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ، ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާ ބަލަހައްޓާ ބަޔަކާ މެދު މަސްއޫލުވާން ޖެހޭނެ މީހެކެވެ." ރަސޫލާގެ ޙަދީޘެއްގެ މާނައިގައި ވާކަމަށް ޚުޠުބާގައި ބުންޏެވެ.
ޒިއްމާދާރުވުމާއި، މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމުގެ އިސް ވެރީންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި، ޢަދުލުއިންޞާފު ޤާއިމުކުރާ މުއައްސަސާތަކާއި، ޤާނޫނު ނަގަހައްޓާ މުއައްސަސާތަކާއި، ޤައުމުގެ ސިޔާދަތާއި އަމްނު އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި، އިޤްތިޞާދާއި ބައިތުލްމާލު ބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަކީން ބޮޑުކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
ޢަދުލު އިންޞާފުގެ ދާއިރާއަށް ބެލިޔަސް، ކޮންމެ މީހަކީ ޒިންމާދާރު މީހަކަށް ވާން ޖެހޭނެ ކަމަށާއި ވެރީން އެކަންޏެއް ނޫން ކަމަށް ބުންޏެވެ. ޢާންމު ރައްޔިތުން ވެސް ޒިންމާދާރު ވާންޖެހޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ. ޢަދުލުއިންސާފުގެ ކުރިމަތީގައި މޮޅެއް ދެރައެއްގެ ތަފާތެއް އޮވެގެން ނުވާނެކަމަށްވެސް ޚުޠުބާގައި ބުންޏެވެ. އަދި ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް