"އެފްއޭއެމް އަކީ ކުލަބުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ތަނެއް ނޫން"

"އެފްއޭއެމް އަކީ ކުލަބުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ތަނެއް ނޫން"

ރާއްޖޭގައި ހަރަކާތްތެރިވާ ކުލަބުތައް ހިންގުމަށް ފައިސާ ދިނުމުގެ މެންޑޭޓެއް ނުގެންގުޅުއްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފީފައިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ.

އެ ކޮމިޓީން މިކަން ހާމަކުރީ ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކޮށް، އެ ކޮމެޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވިދާޅުވީ ކުލަބުތަކަށް ކުޅުންތެރިން ގަތުމަށްވެސް ފައިސާ ދިނުމަކީ އެފްއޭއެމްގެ މެންޑޭޓެއް ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި ފީފާގެ އޮފިޝަލުންނާ ކުރެވުނު މަޝްވަރާގައި އެ ވާހަކަ ހިއްސާކުރި ކަމަށާއި، ފީފާގެ އޮފިޝަލުންވެސް އިއްތިފާގުވާ ގޮތުން އެފްއޭއެމް އަކީ ކުލަބުތައް ހިންގުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭތަނެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު ޒުހޫރު ވަނީ މިހާތަނަށް އައިރު އެފްއޭއެމް އިން ކުލަބުތަކަށް ކޮންމެވެސް ވަރަކަށް ފައިސާ ދީފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުލަބުތަކާ އެކު ބޭއްވި މަޝްވަރާތަކުން ފައިސާ ދިން ކަމަށް ކުލަބުތަކުން ބުނެފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އެ ފައިސާ ކުލަބަތަކަށް ދެވުނު އުސޫލުތަކެއް ފެންނާކަށެއް ނެތް. އެހެން ނަމަވެސް އަޅުގަނޑުމެން އެކަން ބަލަމުން މިދަނީ. ފައިސާ ދެވުނީ ކިހިނެއްތޯ، ކޮން ބައެއްގެ ކޮންޓްރިބުއުޝަނެއްގައިތޯ ފައިސާ ދެވުނީ." ޒުހޫރު ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާކަދައްކަވަމުން ޒުހޫރު ވިދާޅުވީ ފުޓްބޯޅަ ތަރައްގީކޮށް، ކުރިއެރުވަމަކީ އެންމެ މުހިންމު ބޭނުން ކަމަށާއި، އެގޮތުން އެކަމަށް ފައިސާ ހޯދޭނެ މަގުތައް ކޮށައިދިނުމަކީ ނޯމަލައިޒޭޝަން ކޮމިޓީގެ އެންމެ މުހިންމު އެއް ބޭނުން ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.